ޚަބަރު

ހަނގުރާމައަށްދާ ދިވެހިން ރާއްޖެ އައުމުން، ރިހެބިލިޓޭޓް ކުރެވޭނެ ވަސީލަތެއްނެތް: ނަޝީދު

އިބްރާހިމް ޒަކީ

1

ހަނގުރާމައިގަ ބައިވެރިވުމަށް ބޭރު ގައުމުތަކަށްދާ ދިވެހިން ރާއްޖެ އައުމުން، މުޖުތަމައުއަށް އެމީހުންގެ އަސަރެއް ނުފޯރާ ގޮތަށް ރިހެބިލިޓޭޓް ކުރެވޭނެ ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމު ހިމެނިވަޑައިގަންނަވާ ގޮތަށް، ވަފްދަކާއެކު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ބޭރުގެ ނޫސްވެރިން ހިމެނޭގޮތަށް ލަންކާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ، ބޭރު ގައުމުތަކަށް ހަނގުރާމައަށްދިޔަ ދިވެހިން ރާއްޖެ ގެންނަން ބޭނުން ނުވާ ކަމަށެވެ. އަދި އެމީހުން ރާޖެ ގެނައި ނަމަވެސް، ރިހެބިލިޓޭޓް ކުރާނެ ގޮތެއް ނެތުމުން، އެންމެ ރަނގަޅު ގޮތަކީ ފުރަތަމަ އެމީހުން އެހެން ގައުމަކަށް ގެންގޮސް، އޭގެ ފަހުގައި ގައުމަށް ގެނައުން ކަމަށްވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

ނަޝިދު ވިދާޅުވީ، ހަނގުރާމައިގައި ބަިވެރިވާ ދިވެހި ރާއްޖެވެސް ހިމެނޭގޮތަށް، ގައުމުތަކުން ދާ މީހުންގެ މައްސަލައަކީ ބައިނަލް އަގުވާމީ މައްސަލައެއް ކަމަށާއި އެކަން ހައްލު ކުރަން ޖެހޭނީ ވެސް ބައިނަލްއަގްވާމީ މުޖުތަމައިން ކަމަށެވެ.

"މިއީ ބައިނަލްއަގްވާމީ މައްސަލައެއް. ގައުމުތަކުގެ ކައިރިއަކު ސީދާ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ އެމީހުން އަނބުރާ ގައުމަށް ގެންދާށެކޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ސީރިއާ ފަދަ މެދުއިރުމަތީގައި ހިނގާ ހަނގުރާމަ ތަކުގައި ދިވެހިން ބައިވެރިވަމުން ގެންދާތީ އެމީހުންގެ ހަރަކާތްތައް ސަރުކާރުން ބަލަމުންގެންދާ ކަމަށެވެ.

އެހެންކަމުން އެމީހުން އެހެންސަރަހައްދަކަށް އަތްގަދަ ކުރުމުގެ ހަރަކާތެއް ހިންގިިނަމަވެސް އެކަން ބެލޭނެކަމަށް ވިދާޅުވިއެވެ. އަދި ސީރިއާ ހަނގުރާމައަށް ދިޔަ މީހުން އެނބުރި އެމީހުންގެ ގައުމުތަކަށް ދާން ބޭނުންވާ މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށާއި، ބައިނަލްއަގްވާމީ މުޖުތަމައިން އެކަމާއި މެދު މަޝްވަރާކޮށް، ހައްލެއް ހޯދުން މުހިއްމުކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟