ޚަބަރު

ޖޭއެސްސީން ކުރަމުންދާ މަސައްކަތެއްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ގާނޫނީ ހަމައެއްނޫން: ނަޝީދު

އިބްރާހިމް ޒަކީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކުރަމުންދާ މަސައްކަތުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެކަމެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކައަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، އެގައުމުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރިޕޯޓަރު ރައީސް ނަޝީދާ ސުވާލު ކުރެއްވީ މައްސަލަ ތަކުގައި ފަހުބަސް ބުނުމުގެ ބާރު ރާއްޖޭގެ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް ލިބިފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ބެހޭގޮތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއެވެ.

އެކަމާބެހޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުން ފަހުބަސް ބުނަން ޖެހެނީ ގަނޫނާއި ގާނޫނުގައި ބުނާގޮތުގެ މަތިން ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނާ ހަވާލު ކޮށްފައިއޮތް މަސައްކަތެއް ހިނގަމުން ދަނިކޮށް އެ މަސައްކަތާ ގުޅޭ ފަހުބަސް ބުނުމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށާއި، ސުޕްރީމް ކޯޓުގެ އިހުތިސާސުން ނެއްޓި ޖޭއެސްސީގެ އިހުތިސާސްގެ ތެރެއަށް ވަނުމަކީވެސް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.

"މަސައްކަތެއްގެ ފަހުބަސް އެ މަސައްކަތް ހިނގަ ހިނގާއޮއްވާ، އެހެން އަދި އެއްވެސް ބައެއް، އެބައެއްގެ އިހުތިސާސުން ނެއްޓި އެހެން ބައެއްގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވީމަ އެއީއަކީއެއް ގާނޫނީ ހަމަތަކުގެ ތެރެއިން ކުރެވޭކަމެއްނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފަހުބަސް ބުނުމަށް ގާނޫނުއަސާސީން ސުޕްރީމިް ކޯޓަށް ލިބިގެންވާ ބާރުތަކާބެހޭގޮތުން ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޖެހޭކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ބަދަލެއް ގެންންނަންޖެހޭނަމަ އެކަމާމެދު ރާއްޖޭގެ ރައްޔިތުން ވިސްނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މި ދިޔަ ބުރާސްފަތި ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އެންގި ނަމަވެސް، އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ޖޭއެސްސީން ހަމަ އެދުވަހުގެރޭ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ބައެއް ވަރާތްތަކުން ބުނަނީ ޖޭއެސްސީން ސުޕްރީމް ކޯޓުގެ އަމުރައް ކިޔަމަންވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ ޖޭއެސްސީއަށް ގާނޫނުން މަތި ކޮށްފައިވާ ޒިންމާއަކަށް ވާތީ ޖޭއެސްސީގެ ނިންމުން ބަދަލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޛޭއެސްސީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާއިރު، އެ ކޮމިޝަނުން ފަނޑިޔާރު ސަސްޕެންޑް ކުރީ ރައީސް ނަޝީދު ހުށަހެޅުއްވި ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.