މާލެއަށް އުދަ އަރައި ބައެއް ސަރަހައްދުތަކުގައި މިއަދު ފެންބޮޑުވެއްޖެއެވެ.
އެގޮތުން އެންމެ ބޮޑަށް އުދައަރާފައިވަނީ ކާނިވާ ސަރަހައްދަށާއި ރާޅުގަނޑު ސަރަހައްދަަށެވެ.
ފުލުހުން ބުނީ މާލޭގެ ކާނިވާ ސަރަހައްދަށާއި، ރާޅުގަނޑު ސަރަހައްދަށް މިއަދު އުދަ އަރަމުންދާ ކަމަށާއި، އެހެންވެ ހުރިހާ ފަރާތްތަކުން ވެސް އެސަރަހައްދުގައި ހުރި އުޅަނދުތައް ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެދޭ ކަމަށެވެ.
ކާނިވާ ސަރަހައްދުގެ ބޮޑު ބައެއްގައި މިހާރު ލޮނުގަނޑު ހެދިފައިވާއިރު، އެ ސަރަހައްދުގެ މަގުމައްޗަށް ވެސް ވަނީ ލޮނުގަނޑު ދަތުރުކޮށްފައެވެ. މީގެ އިތުރުން ހެންވޭރު ރާޅުގަނޑު ސަރަހައްދަށް ވެސް އުދަ އަރައި އެ ހިސާބުގެ މަގުތަކަށްވެސް ވަނީ ލޮނުގަނޑު ފެތުރިފައެވެ.
މިއަދު މާލެއަށް އުދަ އަރަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހުވެސް ކާނިވާ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އެއިދާރާއިން ވަނީ މިދުވަސްވަރު ރަށްރަށަށް އުދަ އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.