ޝަހީދާ އަބްދުﷲ ސައީދު
އިންސާނިއްޔަތަށްޓަކައި ލޭ ހަދިޔާ ކުރާ މީހުންގެ ޑޭޓާ ބޭހެއް މިއަހަރު ނިމުމުގެ ކުރިން ގާއިމްކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސާވިސްއިން ބައިނަލްއަގްވާމީ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުރިއަށްގެންދާ ހަރަކާތް އިފްތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންނާއި ގުޅޭ ޑޭޓާ ބޭސް ގާއިމްކުރުމުގެ ވާހަކަތައް ދެކެވޭތާ ވަރަށްގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ޑޭޓާ ބޭސް ވުޖޫދު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލައަށް އިސް ނަގައިގެން ލޭ ހަދިޔާކުރާ ފަރާތްތަކާއި ކޮންމެހެން ލޭ ބޭނުންވާ ހާލަތްތަކުގައި ލޭ ހަދިޔާކުރާ ފަރާތްތަކުގެ މައުލޫމާތާއި އެފަރާތްތަކުން ކުރާ މަސައްކަތް އާންމުންނަށް އިތުރަށް ހާމަކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިއީ ލޭ ހަދިޔާ ކުރުމަށް އިސްނެގުމާއި އެކަމަށް މީހުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެލިއާ އިންވެސްޓް މެންޓާއި މޯލްޑިވްސް ބްލަޑް ސާވިސްއިން ބައިނަލްއަގްވާމީ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުރިއަށްގެންދާ ހަރަކާތް ކުރިއަށްދާނީ މިއަދު 9:00 އިން 6:00 އަށް އާޓްގެލެރީގައެވެ.