ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

އެލިއާއިން ކުރިޔަށްގެންދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ހެލްތް މިނިސްޓަރު އިފްތިތާހުކޮށްދެއްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ބައިނަލްއަގްވާމީ ލޭ ހަދިޔާ ކުރާ ދުވަހާ ގުޅިގެން އެލިއާ އިންވެސްޓްމެންޓުން އިސް ނަގައިގެން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

އެލިއާ އިންވެސްޓްމެންޓާއި މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް، ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 6:00 އަށް ނެޝަނަލް އާޓް ގެލެރީގައެވެ.

މިރަސްމިއްޔާތު އިފްތިތާހުކޮށްދެއްވައި މިނިސްޓަރު އަމީން ވަނީ ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރައްވައިފައެވެ.

މީގެއިތުރުން މިނިސްޓަރު އަމީން ވަނީ މިއަދުގެ ހަރަކާތުގެ ތެރެއިން، މޯލްޑިވްސް ބްލަޑް ސާވިސަސްގެ ވެބްސައިޓް ވެސް އިފްތިތާހު ކޮށްދެއްވައިފައެވެ.

ލޭހަދިޔާ ކުރެއްވުމަށްފަހު މިނިސްޓަރު އަމީން ދެއްކެވި ވާހަކައިގައި ވިދާޅުވީ އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްގީވެ، ބޮޑެތި ބިނާތަކާއި އިމާރާތްތައް ތަރައްގީވަމުންދާއިރު އިންސާނުންގެ އެންމެ މުހިންމު ކަމަކަށް ވާންޖެހޭނީ ފުރާނަ ސަލާމަތްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ އިސް ނެގުމާއެކު ލޭހަދިޔާކުރާ ފަރާތަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރާ ފަރާތްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ މިހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި 2018 ވަނަ އަހަރު ބްލަޑް ސާވިސްއިން ކުރިއަށްގެންދިޔަ ލޭ ހަދިޔާކުރުމަށް ހިންގި ކޭމްޕް އިންތިޒާމުކޮށްދިން ފަރާތްތަކަށާއި އެންމެ ގިނަ ލޭ ހަދިޔާކޮށްދިން ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓް ދީފައިވެއެވެ. އެފަރާތްތަކަށް މިއެވޯޑް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ.

ކޭމްޕް އިންތިޒާމުކޮށްދިން ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރާއި އެލިއާ އިންވެސްޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދެވެ.

ބްލަޑް ސާވިސްއިން ލޭ ބޭނުންވާ ކުދިންގެ އަދަދަށް ބަލާއިރު ހަމައެކަނި މާލޭގައިވެސް 150 ކުދިން ތިބިކަން ބްލަޑް ސާވިސްއިން ފާހަގަކޮށްފައިވެއެވެ. އަދި އަމިއްލައަށް އެދިގެން ބްލަޑް ބޭންކަށް ލޭހަދިޔާކުރަނީ 30 އިންސައްތަ މީހުންކަން ފާހަގަކުރިއެވެ.