އިބްރާހިމް ޒަކީ
ކުރިކެޓާއި އެހެނިހެން ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވަން އަވަށްޓެރި ސްލީ ލަންކާއިން އިތުރަށް އެހީތެރިވުމާބެހޭގޮތުން، ސްރީލަންކާގެ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރާޖަޕަކްސަ އާއެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރާޖަޕަކްސަ އާއެކު ބޭއްވެވި ބައްދަލުވުމަށްފަހު މަހްލޫފު ވިދާޅުވީ، ކުރިކެޓްގެ އިތުރުންވެސް އެހެނިހެން ކުޅިވަރުތަކަށް ލަންކާއިން އެހީތެރިކަން ދޭނެ ކަމަށެވެ. ޔޫތު މިނިސްޓަރު މަހުލޫފު ލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުގައި ރާޖަ ޕަކްސައާ ބައްދަލު ކުރައްވާފައިވާތީ، އެކަން ރާޖަޕަކްސަވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.
މަހްލޫފާ އެކު ބޭއްވެވި ބައްދަލުކުރެއްވުމާބެހޭ ފޮޓޯއަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައި ރާޖަޕަކްސަ ވިދާޅުވެފައިވަނީ، ކުރިވަރާއި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން، ލަންކާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރައްވައި ހިޔާލު ބަދަލު ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް ލަންކާއިން އެހީތެރިވެދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްްވި ކަމަށެވެ.