ޝަހީދާ އަބްދުﷲ ސައީދު
ވިހެއުމުން ދޭ ހަމަސްދުވަހުގެ ޗުއްޓީ ސިޔާސީ މުވައްޒަފުންނަށް ވެސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި، ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުގައި ބުނެފައިވަނީ މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، ސެޓްފިކެޓުގައި ބުނާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އަދި މުވައްޒަފަކު ބަލިވެއިނދެ ހަތާވީސް ހަފްތާ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތްނަމަ، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ބަލިވެއިނުމާއި ނުވަތަ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދެވޭނެއެވެ.
ގެޒެޓުގައިވާ ގޮތުން މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން އުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާއިގުޅިގެންދޭ ޗުއްޓީ، ކަމަށް ބަޔާންކޮށްފައިވާ 6 މަސް ދުވަހުން ނުކެނޑޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން ތިރީސް ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް މުވައްޒަފަށް ދެވޭނެއެވެ.
ފިރިހެން މުވައްޒަފަކަށް، ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަލިބޭ ގޮތަށް ތިރީސް ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.
އަދި ފިރިހެން މުވައްޒަފަކަށް ދަރިޔަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެމަތީން ބަންދު ދުވަސްތައް ހިމަނައިގެން 3 ދުވަހުގެ ޗުއްޓީއެއް ދެވޭނެ ކަމަށާއި އަދި ދަރިފުޅަށް 7 މަސް ދުވަސްވުމާ ދެމެދު، މުސާރަ ލިބޭ ގޮތަށް 27 ދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން އެކީ އެއްފަހަރާ ލިބޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.