ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ ސީޓީ ސްކޭންގެ ހިދުމަތް ޓްރީޓޮޕުން ދޭގޮތަށް ހަމަޖައްސައިފި

އަލީ އިހްސާން

މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ ސީޓީ ސްކޭންގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން ދޭގޮތަށް ހަމަޖައްސައިފިއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ދިމާވި މައްސަލަ ހައްލުވަންދެން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެމަރޖެންސީކޮށް ހަދަންޖެހޭ ސީޓީ ސްކޭންތައް ހެދުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ފޮނުވާ ބަލިމީހުންގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް، އާސަންދައާއެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

މިއަދު ހިނގި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ އިމަޖެންސީގެ ޔެލޯ ޒޯނަށާއި، ގްރީން ޒޯނަށާއި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަށް ދުމުގެ އަސަރުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ. އެހެންކަމުން އެވަގުތު ޔެލޯ ޒޯންގައި ފަރުވާ ދެވެމުން ދިޔަ 22 ބަލިމީހުން މީގެކުރިން ފިޒިއޮތެރަޕީގެ ހިދުމަތް ދެމުން ދިޔަ ސަރަޙައްދަށް ބަދަލުކޮށްފައިވާ ކަމަށާއި ގްރީން ޒޯނުގެ މަސައްކަތް، ކުރީގެ އެތެރެހަށީގެ ބަލިތަކުގެ އޯ.ޕީ.ޑީ ހިނގަމުންދިޔަ ކޮޓަރިތަކަށް ބަދަލުކުރެވި ހިދުމަތް ފެށިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުގެ ބޭސްމަންޓްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި އެހޮސްޕިޓަލުން އެވަގުތު ފަރުވާ ހޯދަމުން ދިޔަ އެއްވެސް ބަލިމީހަކަށްވެސް އަދި މުވައްޒަފަކަށްވެސް އެއްވެސް ހާނިއްކައެއް ވެފައިނުވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނީ މި ހާދިސާގައި ހޮސްޕިޓަލަށް ލިބުނު ގެއްލުމުގެ ތަފްސީލް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދެމުންދާ ހިދުމަތް މެދުނުކެނޑި މިހާރުވެސް ދެމުންދާގޮތަށް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށެވެ.