ޚަބަރު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފި

އަލީ އިހްސާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާ ފަސްކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ އަހަރީ އާންމު ޖަލްސާގައި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވުމަށް ޕްރޮކްސީ ފޯމު ހުށަހެޅުމުގައި ސުވާލު އުފެދޭފަދަ ކަމެއް ހިނގާފައިވާކަމުގެ ޝަކުވާ ޑިރެކްޓަރުކަމަށް ނޮމިނޭޓުވެފައިވާ ބައެއް ފަރާތްތަކުން ހުށަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެކަންތައް ބެލުމަށްފަހު 15 ޖޫން 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ 2018ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ފަސްކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް ވީއެންމެ އަވަސް ފުރުސަތެއްގައި އިއުލާން ކުރެވޭނެ ކަމަށް އެމްޓީސީސީއިން ހާމަ ކުރެއެވެ.

އަހަރީ ޖަލްސާގައި 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާ ފާސްކުރާނެއެވެ.

އަދި 2018 ވަނަ އަހަރު އޮޑިޓްކޮށްފައިވާ، ކުންފުނީގެ ބެލެންސް ޝީޓާއި، ފައިދާ އާއި ގެއްލުމުގެ ހިސާބު ހުށަހަޅައި ފާސްކުރުމާއި ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް އެމްޓީސީން ބުނެފައިވެއެވެ.

އެކުންފުނިން ބުނިގޮތުގައި މިޖަލްސާގައި 2019 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވައި، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި ކުރިއަށްއޮތް އަހަރަށް ޑިރެކްޓަރުން އައްޔަންކުރާނެއެވެ.