ޚަބަރު

ތިމާގެ ފުރާނައާ އެއްވަރަށް ދެންތިބި މީހުންގެ ފުރާނައަށްވެސް ވިސްނަވާ: މިނިސްޓަރު ނަހުލާ

އަލީ އިހްސާން

ތިމާގެ އަމިއްލަ ފުރާނައާ މެދު ވިސްނާ ފަދައިން ދެންތިބި މީހުންގެ ފުރާނައަށްވެސް ވިސްނުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު މިހެން އިލްތިމާސް ކުރައްވާފައިވަނީ މިއަދު ހަވީރު ރަސްފަންނުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދިޔަ "ރޯޑް ސޭފްޓީ" ހިނގާލުމުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ، ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށްޓަކައި، ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"އަޅުގަނޑުމެން ޓްރާސްޕޯޓު މިނިސްޓްރީގެ ފަރާތުން ހަމަގައިމުވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށްޓަކައި، މަގުތަކެއް ބިނާކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ހުރިހާ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެކަން ފާހަގަ ކުރަން." މިއަދު ބޭއްވި ހިނގާލުން ފެއްޓެވުމުގެ ކުރިން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވަނީ ފަރުދީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުންތަަކީ އަގުނުކުރެވޭ ގެއްލުންތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރެއްވުމަށާއި ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް ބޯލެނބުމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ކުރިއަށްގެންދިޔަ ރޯޑް ސޭފްޓީ ހިނގާލުމަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ސަލާމަތާ ބެހޭ ކަންތައްތަކަށް މީހުން ހޭލުންތެރި ކުރުވުމެވެ.