މިދިޔަ އޭފްރީލް މަހު 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެގައުމުގެ ރައްޔިތުންނާއެކުގައި ވާކަން ހާމަކުރުމަށްޓަކައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމު ލަންކާއަށް ވަޑައިގެންފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ އޮފިޝަލް ޓްވިޓާ އެކައުންޓުންކޮށްފައިވާ ޓްވީޓެއްގައެވެ. ކުރީގެ ރައީސް ނަޝީދުއާއި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން މިދަތުރުފުޅުގައި އެމްޑީޕީ ޕީޖީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ލަންކާއަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާތަކުގައި 250 މީހުންނަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި އިންޑިއާގެ 11 މީހުން ހިމެނެއެވެ. ލަންކާއަށް މިހަމަލާތައް ދެވުނު ދުވަހު ރައީސް ނަޝީދު ވަނީ ހަރުކަށި އިބާރާތުން މިހަމަލާ ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.
އެދުވަހު ލަންކާއަށް ދިން ހަމަލާ ކުށްވެރިކޮށް އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ، އެގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް އެމްޑީޕީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ލަންކާގެ ރައްޔިތުންނާއި ސަރުކާރަށް ވެދޭނެ ކަމުގައި ފުރިހަމަ ޔަގީންކަން ދޭކަމަށެވެ. ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އެ އަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަގްސަދެއް ހާސިލުކުރުމަށް ހިންގި އަމަލެއް ކަމުގައި ވިޔަސް، އެ އަމަލަކީ އެއްވެސް ހާލަތެއްގައި ބަލައިގަންނާނޭ އަމަލެއް ނޫންކަމަށް އެމްޑީޕީން ބުންޏެވެ.