ޚަބަރު

ގައުމެއްގެ ހަމަޖެހުމާއި ތަރައްގީ ގެނެވޭނީ ހަމައެކަނި ވަކި ބަޔަކު ކުރާ މަސައްކަތަކުން ނޫން: ނައިބު ރައީސް

ގައުމެއްގެ ހަމަޖެހުމާއި ތަރައްގީ ގެނެވޭނީ ވަކި ބަޔަކު ކުރާ މަސައްކަތަކުން ނޫން ކަމަށާއި އެންމެން ގުޅިގެން މަސައްކަތްނުކޮށްފި ނަމަ، ޒުވާނުންނަކީ މަސައްކަތަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މަސައްކަތް ހާސިލުނުކުރެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޔޫތު ލީޑާސް ފޯރަމް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ ބޮޑު ސަމާލުކަމެއް ބަހައްޓަވާނީ ޒުވާނުންނަށް ކަމަށާއި ފެނިގެންމިދަނީ ރައީސް ސޯލިހު ރާއްޖޭގެ ތައުލީމަށް ދެއްވާ އަހައްމިއްޔަތު ކަމަށެވެ.

ޅަފަތުގައި ދަރީންނަށް ރީތި ސިފަތައް ދަސްކޮށްދޭން ޖެހޭ ކަމަށާއި ސްކޫލް ނިމިގެން ކުއްޖާ މަސައްކަތުގެ މައިދާނަށް ނުކުންނައިރު، އެ ޒުވާނާއަށް ވަރަށް ރަނގަޅަށް ދިރިއުޅުމުގެ ކަންތައްތައް ދަސްވެފައި ހުންނަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މި ކަންތައްތަކަކީ މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން، އެންމެން އެކުގައި ނުކޮށްފި ކަމަށްވަންޏާ، ހާސިލުކުރެވޭނެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. ދިވެހި ޒުވާނުން މިއަދު ގަބޫލުކުރަންޖެހޭނެ. ގައުމެއްގެ ހަމަޖެހުން، ގައުމެއްގެ ތަރައްގީ ގެނެވޭނީ، އެއީ ވަކި ބަޔަކު ކުރާ މަސައްކަތަކުން ނޫން. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހަމައެކަނި ކުރާ މަސައްކަތަކުން ނުވަތަ ވަކިވަކި ޖަމިއްޔާތަކަކުން އަދި ހަމައެކަނި ކުރާ މަސައްކަތަކުން އަޅުގަނޑުމެންނަކަށް މިކަންތަކެއް ކާމިޔާބެއް ނުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދުވަހަކުވެސް މި ގައުމުގައި ތައުލީމަށް ހޭދަނުކުރާ މިންވަރަށް މިއަހަރު އެކަނިވެސް ހޭދަކުރެވިގެންދާ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ދުވަހަކުވެސް ކިޔެވުމުގެ ފުރުސަތު ނުލިބޭ މިންވަރަށް މިދިޔަ ދެތިން މަސްދުވަހުގެ ތެރޭގައިވެސް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"މިއިން ރަމްޒުކޮށްދެނީ ޒުވާނުންނަށްޓަކައި ދިވެހި ސަރުކާރު، ޒުވާނުންގެ މަސައްކަތް، ޤައުމަކަށް ބޭނުންވެފައި އޮތްހިނދު، އެކަން ކުރުމަށްޓަކައި، އެކަމަށް މަގުފަހިކޮށްދިނުމަށްޓަކައި ސަރުކާރަކުން ކުރާ މަސައްކަތް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުގެ އަމާޒަކަށް ވެގެންދާނީ ހުރިހާ ދިމާއަކުންވެސް، ހުރިހާ ދާއިރާއަކުންވެސް ޒުވާނުން ބިނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާ ބަޔަކަށް. އެ މަސައްކަތް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެ ފުރުސަތު ލިބޭނެގޮތަށް މަސައްކަތަށް އަހުލުވެރި ބައެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސައުވީސް ގަޑިއިރު، ތިޔަ ޒުވާނުންނަށްޓަކައި ކުރަން ޖެހުނަސް، އަޅުގަނޑު މިއަދު ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ޒުވާނުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހިތުގައި އޮތް ލޯބި، ޒުވާނުންނަށް ރަނގަޅު ގޮތް ފަހިކުރުމަށްޓަކައި ހަމައެކަނި ކުރީ ދުވަހު ފެށިގެންދިޔަ ނާސްތާ ޕްރޮގްރާމުންވެސް އެބަ އެނގޭ ކަމަށާއި ފުރިހަމަ ރަނގަޅު ސިއްހަތެއްގައި ތިބޭ ބަޔަކަށްވުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.