ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލުނުކުރަން ނިންމުމަކީ، ގާނޫނު އަސާސީއާ ހިލާފު ނިންމުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުނެރެފައިވަނިކޮށް، ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންސަން ދަމަހައްޓާނެ ކަމަށް ބުނުމުންނެވެ.
އުޝާމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ކުރީގެ ސަރުކާރުން ތަބާނުވި ނުވުމާއި އަބްދުﷲ ދީދީގެ މައްސަލާގައި ނެރުނު އަމުރަށް ޖޭއެސްސީން ތަބާނުވި ނުވުމާ އެއްވެސް ތަފާތެއް ނެތް ކަމަށާއި، އެ ދެ ކަންތައްތަކަކީވެސް ގާނޫނާ އަސާސީއާ ހިލާފު ދެ ކަންކަމުގައެވެ.
ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރަކީ ގާނޫނުއަސާސީގެ 159 (ށ) އާއި އެ ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިފައިވާ ބާރަށް ހުރަސްއެޅޭގޮތަށް ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއް ކަމަށާއި އެ ކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން އިއްޔެ ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް އަމުރެއް ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު ފިޔަވަޅު ނޭޅުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.