ޚަބަރު

މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ދެކޮޅު: ނިހާން

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރުމަށް ދެކެވޭ ވާހަކަތަކަށް އެއްވެސް ތާއީދެއް ނުކުރައްވާ ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިއުލާންކޮށްފައިވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ މަގާމަށް ހޮވިއްޖެ ނަމަ، މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މުސާރަ ބޮޑުކުރުމާ ދޭތެރޭ އެއްވެސް އިރަކު ތާއީދުކޮށްފައި ނުވާނެ ކަމަށެވެ.

"ތިޔަ ވިދާޅުވާ މުސާރައިގެ ކަންތަކުގައި އަޅުގަނޑު ތާއީދެއް ނުކުރަން ހަމަ އެންމެ ފުރަތަމަ މިނެޓުގައިވެސް. އަދި ފަހުންވެސް ތާއީދެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ މުސާރަ ކަނޑައަޅަން ޖެހޭނީ އެ އަންނަ މަޖިލީހަކުން ކަމަށެވެ. މިހާރު އޮތް މަޖިލީހަށް މެމްބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ލިބިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނިހާން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަދުރޭ ކުރިމަތިލެއްވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ އެގޮތަށް އަދުރޭ ނިންމި ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.

"އެ އިހްތިޔާރު އޮންނަންވާނެ. އަބްދުލް ރަހީމް ނޫން އެހެން މެމްބަރަކުވެސް ހަމަ އެކަމަށް މާދަމާ ހެނދުނު ހަމަ ކުރިމަތިލާފާނެ. އެހެންކަމުން އެކަމަކަށް ވަޑައިގަންނަވާއިރު ހަމަ ނަން ހުށަހެޅުމުގެ ފުރުސަތު ހަމަ އޮންނާނެ،" ނިހާން ވިދާޅުވިއެވެ.