ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ޝުއައިބު އިންތިހާބުކޮށްފި

އަލީ އިހްސާން

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިހާބުކޮށްފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އިން ނެރުނު އިއުލާނެއްގައި ބުނީ އެޖަމިއްޔާގެ ރައީސްކަމަށް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އިންތިޚާބުވެވަޑައިގަތީ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިތުރު ބޭފުޅަކު އެ މަގާމަށް ވާދަކުރައްވާފައި ނުވާތީ ކަމަށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ކަމަށް ޝުއައިބު އިންތިޚާބުވީއިރު އެ ޖަމިއްޔާގެ ހިންގާ ކޮމެެޓީގެ އިތުރު މަގާމުތަކަށް ވެސް މެމްބަރުން ވަނީ އިންތިޚާބުކޮށްފައެވެ. އެގޮތުން ޖަމިއްޔާގެ ނައިބު ރައީސް ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު ހޮވިވަޑައިގަތް އިރު، ސެކްރެޓަރީ ޖެނެރަލް ކަމަށް ހޮވިވަޑައިގަތީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އިންތިޒާމް ސެކްރެޓަރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ހޮވިވަޑައިގެންނެވި އިރު، ޖަމިއްޔާގެ ހަޒާންދާރު ކަމަށް ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ވަނީ އިންތިހާބުވެފައެވެ. ޖަމިއްޔާގެ ހަޒާންދާރުގެ އެހީތެރިޔާ ކަމަށް ކ. ދިއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު އިންތިހާބުވެފައިވާ އިރު، ތަރުޖަމާނު ކަމަށް ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވަނީ އިންތިހާބުވެފައެވެ.

ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ހަތް މަގާމަކަށް މެންބަރުން އިންތިހާބުވި ނަމަވެސް، ކޮމެޓީއަށް އައްޔަންކުރާ އިތުރު މެމްބަރުންގެ ހަތަރު މަގާމަށް ހަތް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައިވާ ހަތް ބޭފުޅެއްގެ ނަން ފަނޑިޔާރުންގެ ޖަމިއްޔާއިން ވަނީ އިއުލާންކޮށްފައެވެ. އެ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު އިންތިހާބު ކުރުން އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށް އެ ޖަމިއްޔާ ހާމަކުރެއެވެ.

ފަނޑިޔާރުންތަކެއް އިސް ނގައިގެން 2008 ވަނަ އަހަރު އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އެ ޖަމިއްޔާގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ވަނީ ދީފައެވެ. އެހެންކަމުން އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ އިންތިހާބު އަންނަ އާދިއްތަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. އެ އިންތިހާބުގައި ހަތަރު މެމްބަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ. މެމްބަރުކަމަށް ހަތް ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.