ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ގުޅޭގޮތުން ޖުޑީޝަލް ކައުންސިލްގެ ހާއްސަ ބައްދަލުވުމެއް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޖުޑީޝަލް ކައުންސިލްގެ އެ ބައްދަލުވުމަކީ ޖޭއެސްސީއަށް ލިބިދީފައިވާ އިހުތިޞާޞްގެ ބޭރުން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އިހުތިޞާޞަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރަމުންދާ އަމަލުތަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ އިސް ފަނޑިޔާރާއި ސިވިލް ކޯޓުގެ އިސް ގާޒީ އާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ އާއި ޖުވެނައިލް ކޯޓުގެ އިސް ގާޒީ އާއި ޑްރަގް ކޯޓުގެ އިސް ގާޒީގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން އައްޔަންކުރެވޭ ދެ މެޖިސްޓްރޭޓުންނެވެ.
ޖުޑީޝަލް ކައުންސިލަކީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެނވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ވިސްނާ ބެލުމަށްފަހު، ގާނޫނުއަސާސީގެ ހަތްވަނަ މާއްދާއާއި 141 ވަނަ މާއްދާ (ށ)އާއި 156 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މިއަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އުފެއްދި ކައުންސިލެކެވެ. އެ ކައުންސިލުގެ މަސްއޫލިއްޔަތަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މަޝްވަރާދިނުމެވެ.