ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ބާރު ގެނައުމަށް މަސައްކަތްކުރާނަން: އަމީން

ޝަހީދާ އަބްދުﷲ ސައީދު

1

ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ ބާރު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދުވަސް ފާހަގަކުރުމަށް ރޭވި ހަރަކާތްތައް އިފުތިތާހު ކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނީ ބާރުތައް ގެންނަކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވަނީ، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތްތަކާއި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އަދި ކެއިންބުއިމާ ގުޅޭތަކެތި އުފެއްދުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ތައްޔާރުވުމަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ކާބޯތަކެތި އެތެރެ ކުރުމާއި އުފެއްދުމާއި އަދި ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށާއި އެކަމަށް ބޭނުންވާ ގާނޫނީ ބާރު ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކާބޯތަކެތި ގަންނައިރު އެތަކެތި އުފައްދާފައި ހުރި ގޮތާއި މުއްދަތު ހަމަވާ ތާރީހަށް ސަމާލުކަން ދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކާބޯތަކެތީގެ ގާނޫނު އެންމެ ފުރިހަމައަށް ތައްޔާރުކޮށް އެ ގާނޫނު ވީހާވެސް އަވަހަކަށް ވުޖޫދަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށާއި ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ސޯޝަލް މީޑިއާ ކެމްޕޭން، ޕެނަލް ޑިސްކަޝަންގެ އިތުރުން ކަމާބެހޭ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް އެކަމަށް ހޭލުންތެރިކުރުވުން ހިމެނެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަން އޮންނާނީ މި މަހު ފަހުކޮޅުގައެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން އެންމެންގެ ކަމެއް" މި ޝިއާރެވެ. ކޮންމެ އަހަރެއްގެވެސް ހަތެއް ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސްކަމުގައި އ.ދ ގެ ޖެނެރަލް އެސަންބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟