ފުރިހަމަ އިހުތިޔާރާއި ބާރު ލިބިދީފައި އޮތް މިނިވަން ތަނަކަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ތިމާވެއްޓާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ސިޔާސަތުތަކާއެކީ ކަމަށާއި އޭގެ ތެރޭގައި އީޕީއޭ މިނިވަންކުރުން ހިމެނޭ ކަމަށެވެ. އަދި ވަރަށް ގިނަ ސަބަބުތަކަކާ ހުރެ އެކަން ނުވި ނަމަވެސް ކުރިއަށްއޮތް ތަނުގައި އީޕީއޭ މިނިވަން ތަނަކަށް ހަދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނިންމީ އީޕީއޭ މިނިވަންކުރަން. ފުރިހަމަ އިހުތިޔާރާއި ގާނޫނީ ބާރު ލިބިދީފައި އޮތް ތަނަކަށް އީޕީއޭ ހެދުމަށް. އެހެންނަމަވެސް އަދި މިހާތަނަށް އައި އިރުގައި ވަރަށް ގިނަ ސަބަބުތަކާ ހެދި އެކަން ނުވެ މިއޮތީ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި އީޕީއޭ މިނިވަން ކުރުމަށްޓަކައި ސަރުކާރުން އެކުލަވާލަން ޖެހޭ ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް، އީޕީއޭ މިނިވަންކުރާނެ ކަމަށެވެ. އޭގެ އިތުރުން ރައީސް ވަނީ ގްރީން ޓެކްސްއާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވައިފައެވެ.
"ގްރީން ޓެކްސްގެ ގޮތުގައި ސަރުކާރަށް ފައިސާ އެބަ ނަގާ. އަޅުގަނޑުމެން މަޖިލީހުން އެ ބިލު ފާސްކުރީ ތިމާވެށި ހިމާޔަތްކުރުމަށް ނަގާ އެއްޗެއްގެ ގޮތުގައި، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ އަތުން. އެހެންނަމަވެސް މިހާތަނަށް އައި އިރުގައި އެ ބޭނުންކުރަމުން ދިޔައީ ކޮންމެހެން އެ ބޭނުމަކުއެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ގްރީން ޓެކްސްއިން ނަގާ ފައިސާ ވަކި އެކައުންޓެއްގައި ބަހައްޓައި، އެ ހަރަދުކުރާނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ރައްކާތެރިކުރުމަށް ކަމަށާއި އެނޫން އެހެން ކަމަކަށް އެ ފައިސާ ހަރަދެއް ނުކުރާނެ ކަމަށެވެ.