ޚަބަރު

އިންސާފުގެ ނަމުގައި މުޅި ނިޒާމް ފުނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެއީ ބަދަލު ހިފުމެއް: އަދުރޭ

އަލީ އިހްސާން

1

ހަމައާއި އިންސާފުގެ ނަމުގައި މުޅި ނިޒާމް ފުނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބަދަލު ހިފުމެއް ކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް މިއަދު ކުރިމަތި ކުރުވަމުން ގެންދާ ގޮންޖެހުންތަކަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، ހަމައާއި އިންސާފު ހޯދައި ދިނުމުގެ ނަމުގައި މުޅި ނިޒާމު ފުނޑާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބަދަލު ހިފުމުގެ ނަމުގައި އެމްޑީޕީން ހިންގާ ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވާ އިރު، އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ވަނީ ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ. އެގޮތުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދުއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސްވަނީ އެއީ ބަދަލު ހިފުމެއްތޯ ސުވާލު އުފައްދަަވާފައެވެ. އެގޮތުން ޖަމީލް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު އަބްދުﷲ ދީދީއަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެޖޯރިޓީ ލިބި، ފެންނަމުން ދަނީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ މަންޒަރުތަކެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟