ޝަހީދާ އަބްދުﷲ ސައީދު
ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވުމަށް ގާޒީ ހަސަން ސައީދު އެދިވަޑައިގެންފިއެވެ.
އިސް ގާޒީ ހަސަން ސައީދު އެގޮތަށް އެދިވަޑައިގެންފައިވަނީ ޖޭއެސްސީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ އޭނާ ސަސްޕެންޑް ކުރުމުން، އިސް ގާޒީގެ ގާނޫނީ ވަކީލު މިއަދު ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގައެވެ.
އިސް ގާޒީ ހަސަން ސައީދުގެ ގާނޫނީ ވަކީލު އަބްދުއްސަލާމް އާރިފު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވަނީ ގާޒީ ހަސަން ސައީދަކީ އިސް ގާޒީ ކަމުގައި ދިހަ އަހަރު، އަދި ފަނޑިޔާރު ކަމުގައި އަށާރަ އަހަރު ހޭދަކުރެއްވި އިރު އެ މުއްދަތުގައި ސުކުލީ މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ.
އަދި އިސް ގާޒީ ހަސަން ސައީދަކީ ޖުޑީޝަރީގައި ހިނގާ ކޮރަޕްޝަނާއި ފަސަދައާއި ގާނޫނާ ހިލާފު ކަންކަމާ ދެކޮޅަށް މަސައްކަތްކުރާ ބޭފުޅެއް ކަމަށް ބުނެފައިވެއެވެ.
އަދި މިއީ ރައްޔިތުންގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކޯޓުގައި މުވައްޒަފުންތަކެއް ހިންގާފައިވާ ގާނޫނާ ހިލާފު ކަމަކާ ގުޅިގެން އިސް ގާޒީއާ މެދު އެހެން މިސްރާބަކަށް އެކަންކަން ގެންދިއުމަށްޓަކައި ކުރެވުނު ކަމެއް ކަމަށެވެ.
އަދި ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާ ގުޅޭ ސައްހަ މައުލޫމާތު ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނާ ހަމައަށް ގެންދިއުމަށް ބޭނުންވާތީ، ޖޭއެސްސީގެ ގާނޫނުގެ 28 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ޝަކުވާގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން ބޭނުންވާ ކަމަށް ސިޓީގައި ވެއެވެ.
އެ ސިޓީގައި ވަނީ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ އެ މައްސަލަ ރިވިއުކޮށް ދިނުމަށް މިދިޔަ މަހުގެ ފަހުކޮޅު ޖޭއެސްސީގައި އެދިފައި ވަނިކޮށް، ޖޭއެސްސީއަށް އަލަށް އައްޔަން ކުރެވުނު މެމްބަރުންނަށް އެކަން އެންގުމެއް ނެތި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ރިވިއު ކުރުމުގެ މައްސަލަ ކޮމިޝަންގައި އެޖެންޑާ ކޮށް ދިނުމަށް ސިޓީގައި އެދިފައިވެއެވެ.