ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ޖުޑީޝަލް ސާވިސް ކޮމިޝަނާ ގުޅޭ މައްސަލައެއް ކުރިއަށްދާ އިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަޖިލީހުގެ ފަރާތުން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއަށް ބައިވެރިނުވެވޭ ގޮތަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ކޮމެޓީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެ ކޮމިޓީން ކުރާ އެހެން މަސައްކަތުގައި ހިސާނަށް ބައިވެރިވެވޭނެއެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ކޮމެޓީއާ ގުޅުން ހުރި ދެކަމެއްގައި ހިސާންގެ މަސްލަހަތު ފުށޫ އަރާ ކަމަށެވެ.
އެގޮތުން ޖުޑީޝަރީ ކޮމިޝަން، މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރާ އިރު، ޖޭއެސްސީގެ ފަރާތުންނާއި އަދި ކޮމެޓީގެ މެންބަރެއްގެ ފަރާތުންވެސް ހިސާންއަށް ކޮމެޓީގެ މަސައްކަތުގައި ބައިވެރިވުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ކޮމެޓީގައި ކުރާ ޖުޑިޝަރީއާ ގުޅުންހުރި މަސައްކަތްތަކުގައި ހިސާން ބައިވެރިނުވާނެ ކަމަށް އިއްޔެ ވަނީ ވިދާޅުވެފައެވެ. ހިސާންގެ އެވާހަކައަށް އިޝާރާތްކުރައްވައި މެންބަރު ހަސަން ލަތީފު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ، ކޮމެޓީގެ އެ މަސައްކަތްތަކުގައި ބައިވެރިވުމަކީ ހިސާންގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ކޮމިޓީން އެކަމުގައި ވަކި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
ހަސަން ލަތީފްގެ ހުށަހެޅުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ ތާއީދު ކުރައްވައިފައެވެ. އެގޮތުން މެންބަރު އަލީ ހުސައިން ވިދާޅުވީ، ކޮމެޓީން ކުރާ އެހެން މަސައްކަތްތަކުގައި ހިސާންގެ ދައުރު މުހިއްމު ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ހިސާން އިންނަވާނަމަ، ޖޭއެސްސީގެ މަސައްކަތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި އަދި ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރާއިރު ޖޭއެސްސީ ފަޅީގައި ވެސް އިނދެގެން ނުވާނެ ކަމަށެވެ.