ޚަބަރު

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މެދުކަނޑާލައިފި

އަލީ އިހްސާން

ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މެދުކަނޑާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދުގެ 100 މޭލު ބޭރު ކަނޑުގެ ސަރަހައްދުގައި ލޭނުއަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން 01 ޖޫން 2019 އިން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ ނިންމުމަށް އަމަލު ކުރުމުގެ ގޮތުން މިހާރު ލޭނު އަޅައިގެން މަސްވެރިކަން ކުރާ ހުރިހާ އުޅަނދުފަހަރެއް އަނބުރާ ބަނދަރަށް ގެނެވިފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ލޭނުއަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސެންސް ދޫކުރުން މެދުކަނޑާލާފައިވަނީ ލޭނު މަސްވެރިކަމުގެ އޮޕަރޭޝަން މިހާރު ހިނގަމުންދާ ގޮތުން ލޭނު މަސްވެރިކަން ކުރުމަށް މިނިސްޓްރީން ހުޅުވާލި މަގްސަދު ހާސިލުވަމުން ނުދާތީ ކަމަށާއި އެކަމުގައި އިތުރު ކަންބޮޑުވުންތައް ހުރުމާއެކު އެކަންކަމަށް ހައްލު ހޯދުމަށްޓަކައި ކަމަށެވެ. އެކަންތައްތަކަށް ހައްލު ހޯދުމަށް ލޭނު މަސްވެރިން ކުރާ އުޅަނދުފަހު އޮޕަރޭޓުކުރާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކާއެކު މަޝްވަރާ ކުރަމުންގެންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ލޭނުގެ މަސްވެރިކަން ކުރުމަށް އަލުން ލައިސެންސް ދޫކުރާނީ ދިމާވެފައިވާ މައްސަލަތަކަށް ހޯދަންޖެހޭ ހައްލުތައް ހޯދުމަށްފަހު ކަމަށެވެ.