ސައުދީ އަރަބިއާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިއްޔެ ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން މިސައިލް ހަމަލާގެ ސަބަބުން ވަނީ 26 މީހުން ޒަހަމްވެފައެވެ. ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާ ދީފައިވަނީ ހޫޘީން ކަމަށެވެ.
ހަމަލާގައި އަނިޔާވި 26 މީހުންގެ ތެރޭގައި އިންޑިއާ އާއި ޔަމަނާއި ސައުދީއަށް ނިސްބަތްވާ މީހުން ހިމެނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި އަންހެނަކު ހިމެނޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. މިހާދިސާގައި ޒަހަމްވި 26 މީހުންގެ ތެރެއިން އަށް މީހުން ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދިން އިރު އަނެއް މީހުންނަށް ފަރުވާދީފައިވަނީ ހަމަލާދިން ސަރަހައްދުގައި ކަމަށްވެސް އަލްޖަޒީރާއިން ހާމަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ޓެރެރިޒަމްގެ އެފަދަ އަމަލުތަކަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސައުދީން ޓެރެރިޒަމާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށްފައެވެ.
މިދިޔަ މަހު ހޫޘީން ވަނީ ސައުދީގެ ދެ ތެޔޮ ސްޓޭޝަނަކަށްވެސް ޑްރޯން ހަމަލާތަކެއް ދީފައެވެ.