ޚަބަރު

ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސްޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރެފައި މިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހެޅުމުން ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައި ވަނިކޮށެވެ.

އެމައްސަލަ ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅާފައިވާ އެމައްސަލައަކީ ފަނޑިޔާރުންގެ ގާނޫނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނާއި އާންމު ގާނޫނީ އުސޫލުތަކާއި އަދި ގާނޫނު އަސާސީން ގަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުސޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެމައްސަލަ ހުށަހަޅާފައިވާ ގޮތަށް ޖޭއެސްސީން ބަލައިގަނެ، ގޮތް ނިންމައި ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަދި ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ހުށަހެޅި އެމައްސަލައިގައި ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ވަޒީފާއިން ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ ޖޭއެސްސީގެ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައި ވެއެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ފަރާތުން ހުށަހެޅި އެމައްސަލަ ބަލައިގަނެ، ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަަކި ގޮތެއް ކަނޑައަޅަން ދެން ޖޭއެސްސީގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީއަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

އަދި އެމައްސަލަ ސުޕްރީމް ކޯޓުން ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށާއި އަދި ޖޭއެސްސީން ނިންމި އެމައްސަލައިގެ އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ޖޭއެސްސީން ކުރިއަށް ނުގެންދިއުމަށްވެސް ވަނީ އަމުރުކޮށްފައެވެ.