ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތިލއްވާނެ ކަމަށް ޓުވިޓާގައި އިއުލާނު ކުރެވި ނަމަވެސް އެއީ ސީރިއަސް ވާހަކައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސް ތަކަކަށް ފަހު މާދަން ފަށަން ތައްޔާރުވެފައި ވާތީ، އެޖެންޑާ ކޮށްފައިވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލިސް ގެ އިދާރާގައި ބޭއްވި ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އެއްޗެއް އަދުރޭ އަންގަވައިފައި ނުވާ ކަމަށެވެ.
"މިއަދުގެ ބައްދަލުވުމަށް އަދުރޭ ކުޑަކޮށް އާލާސްކަންފުޅާ އުޅުއްވާތީ ވަޑައެއް ނުގަންނަވާ. އަދި ކުރީން ވެސް އެވާހަކަ ދައްކަވައިފައެއް ނެތް. އެކަމަކު އެއީ ބޭނުންފުޅު ނަމަ އެމަނިކުފާނަށް ވެސް އޮތް ހައްގެއް ދެއްތޯ!" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މަޖިލީހުގައި އޮންނަ ގޮތުން މާދަމާ ތަޅުމުގައި އަދުރޭގެ އެ ވާހަކަ އަކީ ހަގީގަތެއްކަން ނޫނީ ސީރިއަސް ވާހަކަފުޅެއްކަން އެނގިގެން ދާނެ ކަމަށެވެ. އެހެން ކަމުން އެހާ ހިސާބުން މެންބަރުން އެއަށް ގޮތެއް ނިންމެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ދާދި ފަހުން ޓުވީޓު ކުރައްވައިފަ އެވެ. އަދި އޭނާ މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ މެންބަރުންގެ މުސާރަ 150000 ރުފިޔާ އަށް ބޮޑުކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.