ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އިދިކޮޅު ލީޑަރުން ގޮވާލުމަކީ ވަރަށް ނުރުހޭ ކަމެއް ކަމަށް ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން ބުނެފިއެވެ.
ރިލްވާންގެ އައިލާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާ، އަދީބު ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވި މައުލޫމާތުން އެނގޭ ކަމަށެވެ.
އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އަދީބު ފިލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރިލްވާންގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ ގައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭ މީހެއް ކަމަށާއި އެކަމުގެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ކަމަށެވެ. އަދި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކަށް ރާއްޖެއިން ބޭސްފަރުވާގެ ހިދުމަތް ދެވޭން ޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޖަލު ހުކުމް އިއްވާފައިވާ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ މީގެކުރިންވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އަނބުރާ ނައިސް މަޑުކުރައްވާފައެވެ.
ވީނުވީއެއް ނޭނގި ރިލްވާން ގެއްލުނުތާ މިހާރު ހަތަރު އަހަރު ވެފައިވާއިރު އޭނާ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހު ހަތެއްގައެވެ.