ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ލީޑަރުންގެ ބައްދަލުވުންތައް މަހަކު އެއް ފަހަރު ނުބޭއްވުނަސް މަސައްކަތް ކުރުމުގައި އުނދަގޫ ކަމެއް ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސުލް އޮފީހުގައި ދާދި ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ، ލީޑަރުންގެ ބައްދަލުވުންތައް ގަވައިދުން ނުބޭއްވެނީ އެ ބޭފުޅުންގެ މަސައްކަތްޕުޅު ބުރަކަމުން ކަމަށް ވެދާނެ ކަމަށެވެ.
ރައީސް ސޯލިހު ކުރީން ވިދާޅުވެފައި ވަނީ، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންގެ މެދުގައި ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކައިރިވެފައި ވަނިކޮށް އެ ބައްދަލުވުންތައް ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
"ކޯލިޝަން މަސައްކަތް ކުރުމުގައި އުނދަގޫ ކަމެއް ނެތް. ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވެނީ އެބޭފުޅުންގެ ޝެޑިއުލް ބިޒީވީމަހެން ހީވަނީ." ހޫދު ވިދާޅުވި އެވެ.
ހޫދު ވިދާޅުވީ ލީޑަރުންގެ ބައްދަލުވުންތައް ވަކީން ނުބޭއްވި ނަމަވެސް، ކެބިނެޓުގައި ވެސް އެ ފަރާތްތައް ތަމްސީލުކުރާ ބައިވަރު ވަޒީރުން އެބަ ތިއްބެވި ކަމަށާއި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި މައްސަލައެއް ނުވަތަ އުނދަގޫކަމެއް ނެތް ކަމަށެވެ.