ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިކަން ބަޔާން ކުރެއްވީ ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި، ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު އެވެ.
ފަރުޟު ހައްޖު ކުރުމަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސުލް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ހައްޖަށް ދިޔުމުގެ އުސޫލު އެކުލަވައިލައި، ޕެންޝަން އޮފީހުން ގެޒެޓު ކުރި އިރު އޮތީ ހައްޖަށް ދިޔުމަށް ދައްކަން ޖެހޭ ފައިސާގެ 50 ޕަސެންޓު އެ ފަންޑުން ލިބޭ ގޮތަށެވެ. އެ މައްސަލައިގައި ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއް ސަބަބަކީ ދެބައިކުޅަ އެއްބައި ބޭނުން ކުރެވޭ ގޮތަށް އުސޫލުގައި ހިމަނާފައި އޮތުމެވެ. އަނެއް މައްސަލަ އަކީ ވަރަށް ބޮޑު އަދަދެއް ފަންޑުގައި ހުންނަ މީހުންނަށް ނޫނީ ހައްޖަށް ދިޔުމަށް ފަންޑުން ބޭނުން ނުކުރެވޭ ގޮތަށް އުސޫލު ހަދާފައި އޮތުމެވެ.