ހައިކޯޓު

ޗުއްޓީގައި ހުއްޓަސް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ: ހައިކޯޓް

ޗުއްޓީގައި ތިއްބަވާ ހައިކޯޓުގެ ފަނޑިޔާރުންނަށް ވެސް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ ގޮތުން، ބައެއް ކަހަލަ ހާލަތުގައި އެ ފަނޑިޔާރަކު ހިމަނައިގެން ނޫނީ ކުރިއަށް ގެންދަން ޖެހޭ ނުވަތަ ނުގެންދެވޭ ޝަރީއަތެއްނަމަ ޗުއްޓީގައި ފަނޑިޔާރު ހުއްޓަސް އެ ޝަރީއަތެއް ނިންމެވުމަށް އެ ފަނޑިޔާރަކު ހާޒިރުވެވޭ ހާލަތެއްގައި ހުރިނަމަ ހުކުމް ކުރުމުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް އެކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތިން އަމަލު ކުރަން ފަށާފައިވާކަމަށެވެ. މިގޮތަށް އަމަލު ކުރަން ފަށާފައިވަނީ 30 ޖޫން 2011 އިން ފެށިގެން ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ތަޚްޞީޞްކުރާ މީހަކަށް ވާން ޖެހޭއިރު، ކޯޓުގައި ޙުކުމެއް ކުރަން ޖެހޭ ޝަރީއަތެއްގައި ނުވަތަ ވަކި އަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިސަލާކުރެވެން ނެތް ކަމަށް ބެލެވޭ ހާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިޔަސް، މައްސަލައެއްގެ ހުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ހާޒިރުވެވޭނެ ފަދަ ހާލަތެއްގައި ހުރި ނަމަ، އެ ޝަރީއަތެއް ނިންމެވުމަށް ބާއްވާ ހުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތީން އަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން 2011 ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމާފައިވެއެވެ." ހައިކޯޓުގެ ބަޔާނުގައި ވެއެވެ.

ހައިކޯޓުން މިގޮތަށް ބަޔާން ނެރެފައިވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ޗުއްޓީގައި ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހިޔާނާތުގެ މައްސަލައެއްގައި ގޮތް ނިންމެވުމާ ގުޅިގެން ޝުޖާއުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިއްޔެ ހުށަހަޅާފައި ވަނިކޮށެވެ. މި މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.

ހައިކޯޓުގެ ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ޗުއްޓީގައި ތިބޭ ފަނޑިޔާރުން ޝަރީއަތްތަކުގައި ބައިވެރިވުމަކީ މީގެ ކުރިންވެސް ކުރަމުން އަންނަ ކަަމަކަށްވާތީ، ހަބަރުތަކުން އާންމުންނަށް އޮޅިފައި އޮވެދާނެތީ އެކަން ހާމަ ކުރުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި މި މައުލޫމާތު ދެންނެވީކަމަށެވެ.