ޚިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުން ފާސް ކުރި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅައިފައި ވާއިރު، އެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވާ ޓީވީ ސްޓޭޝަން ތަކަށް ފައިސާ އަނބުރާ ދިނުން މުހިއްމު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
އަބުރު ގާނޫނުގެ ދަށުން ބައެއް މީޑިއާތައް ޖޫރިމަނާކޮށްފައިވާ އިރު އެންމެ ގިނައިން ޖޫރިމަނާކޮށްފައި ވަނީ ރާއްޖެ ޓީވީއެވެ.
މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޖޫރިމަނާގެ ފައިސާ އަނބުރައި ޓީވީ ސްޓޭޝަން ތަކަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަބުރު ގާނޫނު އުވައިލުމަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. އަބުރުގެ ގާނޫނު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އެވެ.
ޝާހިދު ވިދާޅުވީ "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ނަމުގައި ސަރުކާރުން ފާސްކޮށްފައިވާ ގާނޫނުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އަބުރުގެ ބިލުގެ ސަބަބުން ދިވެހި އެތައް ރައްޔިތުންނަކަށް ހައްގު ނޫން އަދަބާއި އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ދިވެހި ނޫސްވެރިކަމަށް ވެސް ހުރަސްތައް ކުރިމަތިވެ ޚިޔާލުފާޅު ކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން އެކި ކަހަލަ އަނިޔާތައް ލިބިފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އައި ފަހުން ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ތަހުގީގީ ނޫސްްވެރިކަމަށް އޮތް ފުރުސަތު ހަނިވެފައިވާ ކަމަށް ރާއްޖޭގެ ސީނިއަރ އެޑިޓަރުން ވިދާޅުވެ އެވެ.