ބަންގުލަދޭޝްގައި މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކޮށްފިއެވެ.
ޕީއެންސީއަށް ފައިސަލް ސޮއިކޮށްފައިވަނީ ޕީއެންސީގެ އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޕީއެންސީގެ ހަތަރު ޑެޕިއުޓީ ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕުގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވެޑައިގެންނެވިއެވެ.
ކީޕަރު ފައިސަލް، ޕީއެންސީއަށް ސޮއިކުރުމަށްފަހު އޭނާ ވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ބައްދަލުކޮށްފައެވެ.
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށް، އޭނާ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެނުނު ކީޕަރު ފައިސަލް މިސީޒަނުގައި ފެނިގެންދާނީ އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.