ޚަބަރު

ޕީޕީއެމް އޮފީސް ކުރިމަތީން މީހެއްގެ މެޔަށް ވަޅި ޖަހައިފި

4

ޕީޕީއެމް އޮފީސް ކުރިމަތީން ދާދި ދެންމެ މީހެއްގެ ގަޔަށް ވަޅި ޖަހައިފި އެވެ. ވަޅި ޖަހައިފައިވަނީ ފިރިހެނެއްގެ ގަޔަށެވެ.

ވަޅި ޖެހި ސަރަހައްދުގައި ތިބި "ވަން އޮންލައިން" ގެ ނޫސްވެރީންނަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ ވަޅި ޖެހީ ސައިކަލެއްގައި ދިޔަ މީހެއްގެ ގަޔަށް އެހެން ސައިކަލެއްގައި އައި ދެމީހުން ކަމަށެވެ.

"ވަޅި ޖެހީ މޭމައްޗަށް. ވަރަށް ބޮޑު ވަޅިއަކުން ޖެހީ. ޖެހުނީމަ އެމީހާ ސައިކަލާ އެކު ވެއްޓުނީ. ވެެއްޓުމުން ޒަޚަމްވި މީހާ ދުއްވައިގަތީ ޕީޕީއެމް އޮފީހާ ދިމާއަށް. ވަޅި ޖެހި މީހުން ފިލީ." މަންޒަރު ދުށް މީހާ ވަން ގެ ނޫސްވެރީންނަށް ކިޔައިދިނެވެ.

ޒަޚަމްވި މީހާ ގެންގޮސްފައި ވަނީ އޭޑީކޭ އަށެވެ. ދާދި ދެންމެ ހޮސްޕިޓަލުގެ އޮފިޝަލަކު ވަން އޮންލައިން އަށް ވިދާޅުވީ ޒަޚަމް ވެފައިވާ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މޭގެ އިތުރުން އެހެން ތަންތަނަށް ވެސް ވަޅި ޖަހައިފައިވާ ކަމަށެވެ.

އޭޑީކޭގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު އައްފާލް "ވަން އޮންލައިން" އަށް ވިދާޅުވީ ވަޅި ޖަހައިގެން އޭޑީކޭ އަށް ގެންގޮސްފައި ވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.

އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތެރިވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟