ދުންއަރުވާ ވެހިކަލުތަކާ ނުލައި އުޅޭނެ ގޮތެއް ހޯދަން ޖެހޭކަމަށް އެންވައިމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމެންޓު މިނިސްޓަރު ޑރ ހުސެއިން ރަޝީދު މިހެން ވިދާޅުވީ، މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ނޭޝަނަލް އެއާޕޮލިއުޝަން އެކްޝަން ޕްލޭން އެންޑް އެއާ ކޮލިޓީ ސެމިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ދުންއަރުވާ ވެހިކަލުތަކާ ނުލައި އުޅޭނެ ގޮތެއް ހޯދަން ޖެހޭކަމަށާއި، އެކަަން ކުރެވޭނީ ޕަބްލިކު ޓްރާސްޕޯޓެއް ބަހުގައި ނުވަތަ މިނީ ބަހުގައި ގާއިމު ކޮށްގެންކަމަށެވެ. އަދި އެބަސްތައް ދުއްވުމަށް ބޭނުންކުރާނީ ކަރަންޓުން ޗާޖުކުރާ ބެޓްރިކަމަށެވެ.
"ފައިމަގުގައި ހިންގަވާފަ ފަސޭހައިން ދެވޭތަންތަނަށް ހިންގަވާފަ ވަޑައިގަންނަވާނީ. ކޮންމެހެން ދުއްވާ އެއްޗެއްގަ ވަޑައިގަންނަވަންޏާ އިލެކްޓްރިކް ސްކޫޓަރުވެސް އެބަހުރި. އެއީވެސް އަޅުގަނޑުމެން ކުރިމަތީގައި އޮތް މަގެއް." މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮންމެ ދުވަހަކީވެސް ތިމާވެށީގެ ދުވަހެއް ކަމަށާއި، ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަށް އެބަހުރި އެބަހުރި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވައި ތަޣައްޔަރުވުމުގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވަމުންދާ މައްސަލައެއްކަމަށެވެ. ނަމަވެސް މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރު ކުޑަކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވައި ތަޣައްޔަރުުމުގެ މައްސަލަ ކުރިމަތިވެފައިވަނީ މާލޭ ސަރަހައްދުގައި ކަމަށެވެ.