އުރީދޫ ގްރޫޕުން އެކި ގައުމުތަކުގައި ކުރިއަށްގެންދިޔަ، ރޯދަ މަހުގެ ކެމްޕެއިންތަކުގެ ތެރެއިން ރާއްޖޭގައި ކުރިއަށްދިޔަ ކެމްޕެއިން ނިންމާލައިފިއެވެ.
އުރީދޫން މިއަދު ބުނީ އެކުންފުނިން ރާއްޖޭގައި ހިންގި ކެމްޕެއިންގައި ބްލަޑް ބޭންކުގައި ލޭ ރައްކާ ކުރުމުގެ ގޮތުން އެއްމަސް ދުވަހަށް ބޭނުންވާ ވަރަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުން ވެސް އުރީދޫން ދީފައިވެއެވެ.
ކެމްޕެއިން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި އިޖުތިމާއީ ގުޅުމާއި އާއިލީ ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ދައްކުވައިދޭ ހާއްސަ ވީޑިއޯއެއް އެކުންފުނިން ވަނީ ދައްކާލާފައެވެ.
އުރީދޫގެ ގްރޫޕް ސީއީއޯ ޝެއިޚް ސައުދު ބިން ނަސީރު އަލްސާނީ ދެއްކެވި ވާހަކައިގައި ވިދާޅުވީ ރޯދަ މަހަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވާ މަހަކަށް ވުމުން ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް އެހީތެރިކަމުގެ ހަރަކާތްތައް ކުރިއަށްގެންދާ ކަމަށެވެ.
އުރީދޫން ވަނީ ރާއްޖޭގެ އިތުރުން ފަލަސްތީނާއި ގަތަރާއި، އޮމާންއާއި ޓިއުނީޝި އާއި ކުވައިތާއި އަލްޖީރިއާގައި ވެސް މި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.