އަންނަ ހުކުރު ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިހާރު އެ ދުވަސްތަކަށް އަދީބަށް ޓިކެޓް ނަގާފައިވާ ކަމަށާއި އޭނާއާއެކު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ދަތުރުކުރާނެ ކަމަށެވެ. އަދި އެކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވީމާ ސަލާމަތީގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅި، އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިމަހުގެ 14 ގައި ފުރާފައި، 26ގައި އެނބުރި އަންނަ ގޮތަށް ވަނީ ޓިކެޓު ވެސް ނެގިފައި. އެހެންވީމާ މިހާރު އޮތް ޝެޑިއުލަށް ދާ ކަމަށްވާ ނަމަ، ޑޮކްޓަރުން އިތުރު ލަފައެއް ނުދެއްވާކަމަށްވާ ނަމަ، އަޅުގަނޑު ގަބޫލުކުރަނީ 14ގައި ފުރުމަށްފަހު 26ގައި އެނބުރި ގެނެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބު ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން އެދިއްޖެނަމަ، އެކަން ވެސް ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެން ފުރަތަމަ މަސައްކަތްކުރާ ރާއްޖޭގައި ބަހައްޓައިގެން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަމަށާއި ނަމަވެސް ރާއްޖެއިން ފަރުވާދެވޭނެ އެއްވެސް ގޮތެއް ނެތިގެން މެޑިކަލް ބޯޑަށް ހުށަހަޅައިގެން، ބޯޑުން ވެސް ނިންވީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަމަށެވެ.
"ރާއްޖެއިން ފަރުވާދެވޭނެ އެއްވެސް ގޮތެއް ނެތިގެން މެޑިކަލް ބޯޑަށް ހުށަހަޅައިގެން، ބޯޑުން ވެސް ނިންމެވީ ފަރުވާއަށް ފޮނުވުމަށް. އެއީ ލޮލުގެ ހާލަތު ދަށްވަމުންދާތީ. އަހްމަދު އަދީބު އަބްދުލްޣަފޫރާ އެއްކޮށް ކަރެކްޝަނަލް ތިން އޮފިސަރަކު ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާ ގުޅޭގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަދީބު ފުރުމުގެ ކުރިން ފުލުހުން އިސް އޮފިސަރުން ހިމެނޭ ގޮތަށް ފުލުހުންގެ ހާއްސަ ޓީމެއް މާދަމާގެ ވަގުތެއްގައި އިންޑިއާއަށް ދާނެ ކަމަށެވެ.