ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާއި ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މަޖިލިސްގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެޑައިގަތެވެ.
ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ދީދީ ސަސްޕެންޑު ކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަމުން އަންނަ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަހީން ވިދާޅުވީ ހަސަން ސައީދާ ސަސްޕެންޑުކޮށްފައިވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ މައްސަލައެއްގައި ކަމަށެވެ. މީގެ ކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކޮށްފައިވެއެވެ.