ޝަހީދާ އަބްދުﷲ ސައީދު
ދިވެހި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމާ ބެހޭ ގޮތުން އިނގިރޭސި ޚާރިޖީ ވަޒީރުއާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހު އިނގިރޭސި ޚާރިޖީ ވަޒީރު ޖެރެމީ ހަންޓް އާއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ ބެހޭ ގޮތުންނާއި، މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.
އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔާ ބައްދަލުކުރައްވައި ރާއްޖެއިން ކޮމަންވެލްތާ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން 2 ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.