ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ޗުއްޓީގައި ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ގޮތް ނިންމެވުމާއި ގުޅިގެން ޝުޖާއުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަޙަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ 77 މިލިއަން ރުފިޔާއަށް އަދީބު ހިޔާނާތްތެރިވި މައްސަލަ ހައިކޯޓުން ނިންމެވިއިރު އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހުންނެވީ ޗުއްޓީގައި ކަމަށާއި އަދި އެމައްސަލައިގައި އަދީބު މިނިވަން ކުރުމަށްފަހު އިސް ފަނޑިޔާރު ޝުޖާއު އަނެއްކާވެސް ޗުއްޓީ ކުރިއަށް ގެންދެވި ކަމަށެވެ.
އެހެންކަމުން އެމައްސަލައިގައި ޝުޖާއުގެ ސުލޫކީ މައްސަލައެއް އުޅޭނަމަ އެކަން ބައްލަވައި ދެއްވުމަށް މީކާއިލްގެ ސިޓީގައި ވަނީ އެދިފައެވެ.
އަދި މީގެއިތުރުން މީކާއިލާގެ ސިޓީގައިވަނީ އަދީބަކީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޑރ. އަފްރާޝީމް އަލީ ގެ މައްސަައިގައި ތުހުމަތު ކުރެވޭ މީހުން ބޭރަށް ފުރުވާލުމުގައި މަދަދުވެރިވި ކަމަށް ތުހުމަތުކުރާ މީހެއް ކަމަށެވެ.
އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމުން އަދީބު ވަނީ ސަލާމަތްވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކުރިމިނަލް ކޯޓަށް މިހާރު ވަނީ އަންގާފައެވެ. އަދި އެހުކުމުގައި އެމައްސަލައިގައި އަދީބު ފަނަރަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރިއެވެ.
އަދީބުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލުކޮށްފައިވާއިރު، މިހާރު ވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަރެކްޝަނަލް ސާވިސްއިން ހުއްދަ ދީފައެވެ. ނަމަވެސް އެކަމާ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދި ދިން މައްސަލައިގައި ސަރުކާރުން ބުނެފައިވަނީ، ހުއްދަދިނީ ރާއްޖޭން ކުރެވެން ނެތް ފަރުވާއެއް ކުރާން ޖެހޭތީ، އެނޫން އެއްވެސް ގޮތެއް ނެތުމުން އޭނާއަށް އަސާސީ އިންސާނީ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި ކަމަށާއި އެ ކަމާ ގުޅިގެން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.