ރާއްޖޭގެ އެހެން ވެސް ރައްޔިތުންނެކޭ އެއްފަދަައިން އަމިއްލަފުޅު ޚިޔާލު ފާޅުކުރުމުގެ ފުރިހަމަ ހައްގު އެބަ އޮތް ކަމަށް ވިދާޅުވެ ދުންޔާ މައުމޫނު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ދާދި ދެންމެ ޖަވާބު ދެއްވައިފި އެވެ.
ބޭރުގެ ޖަމިއްޔާ ނުވަތަ ޖަމާއަތް ތަކަކުން ރައީސް ނަޝީދު ދޫކޮށްލަން ނިންމިޔަސް އެކަން އެގޮތަށް ނުވާނެ ކަމަށާއި އެކަން ކުރިޔަށް ގެންދަން ޖެހޭނީ ރާއްޖޭގެ ސިސްޓަމްތަކުގެ ތެރެއިން ކަމަށް ދުންޔާ މައުމޫނު އިއްޔެ ވިދާޅުވެފައި ވަނިކޮށް، ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދުގެ ވާހަކަ ދުންޔާ ދެން އިތުރަށް ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ނަޝީދު އަންނަ މަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވައިފަ އެވެ. އެމްޑީޕީން ބުނެފައި ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ރާއްޖޭގެ ޖުޑިޝަރީ ރިފޯމް ކުރުމާއި އެހެނިހެން މުއައްސަސާތައް ހަރުދަނާކޮށް ބާރުގަދަކުރަން ޖެހޭ." ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާގެ ޓުވީޓުގައި ވިދާޅުވި އެވެ.
އެފަދަ މުއައްސަސާތަކުގެ ބާރު ނެތިގެން ދާނެ ގޮތަކަށް ކަންކަން ކޮށްގެން ނުވާނޭ ކަމަށް ދުންޔާ ހަސަން އަށް ދެއްވި ޖަވާބުގައި ވަނީ ވިދާޅުވެފަ އެވެ.