އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހުއްދި ދިނީ ރާއްޖޭން ކުރެވެން ނެތް ފަރުވާއެއް ކުރާން ޖެހޭތީ، އެނޫން އެއްވެސް ގޮތެއް ނެތުމުން އޭނާ އަށް އަސާސީ އިންސާނީ ހައްގު ކަށަވަރުކޮށްދިނުމަށް ޓަކައި ކަމަށާއި އެ ކަމާ ގުޅިގެން ދެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާ ގުޅިގެން، ރާއްޖެއިން ބޭރުން ކަމާ ގުޅުން ހުރި ސިއްހީ މާހިރުން ގެނެސްގެން ކުރި މަސައްކަތުން ވެސް އިތުރު ގޮތެއް ނުފެނުމުން ކަމާ ގުޅުން ހުރި ސިއްހީ މާހިރުންގެ ލަފާގެ މަތީން، ޕެރޯލް ގާނޫނުގައި ބުނާ މެޑިކަލް ބޯޑުން އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހުއްދަ ދިނީ އެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ބޯޑުން އެެގޮތަށް ނިންމުމާ ގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި ކަންކަން ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. އަދި އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ކުރުމަށް ހަމަޖައްސާފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި ކަރެކްޝަނަލް ސާވިސެސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރުކުރާން ޖެހޭ އަސާސީ، އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައި ވިޔަސް އެކަމުގެ ސަބަބުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް ނޭޅޭނެ ކަމާއި އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށް ޓަކައި އަޅާން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ." ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.