އިބްރާހިމް ޒަކީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނަރު އޮފް ޕްރިސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރަން ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަޅޮލު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި މައްސަލައަށް ބަހސުްކުރަންފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 56 މެންބަރުން ވޯތު ދެއްވައިގެން މި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފައެވެ. މި މައްސަލައަށް ބަހުސް ކުރަން ނުފެންނަކަމަށް 2 މެންބަރުން ވޯޓުދެއްވިއެވެ.
މި މައްސަލަ ހުށަހަޅުއްވަމުން، މެންބަރު މީކާއީލް ވިދާޅުވީ، މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އަދީބަކީ ރާއްޖެ ނުދެކޭފަދަ ބޮޑެތި ކުއްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރާއްޖޭގެ ޖުޑިޝަރީން މީގެ ކުރިން ކަނޑައަޅާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މީގެކުރިން އިމިގްރޭޝަން ހިންގެވުމާ އަދީބު ހަވާލުވެ ހުންނެވިއިރު، ގެއްލުވާލެވިފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާންގެ މައްސަލައިގައި ހިމެނޭ ބައެއްމީހުން، ދިވެހި ރާއްޖޭން ވަގަށް ފުރުވާލި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަދީބުގެ މައްޗަށް އުފުލިފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"އަފްރާޝީންގެ މަރުގެ މައްސަލައާ ގުޅުންހުރި މީހުންވެސް ވަގަށް ފުރުވާލަން މަސައްކަތް ކުރުމަށް އެހީތެރިވެދިން ކަމަށް އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ،" މީކާއީލް ވިދާޅުވިއެވެ.
މެންބަރު ވަނީ، އިއްޔެގެ ވަގުތެއްގައި މަރުތަކާބެހޭ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ބަޔާން ނަގާފައިވާކަން ފާހަަގަ ކޮށްފައެވެ.
މެންބަރު އިތުރަށް ވިދާޅުވީ، އަދީބުގެ މައްޗށް ހުށަހެޅިފައޮތް ބޮޑެތި މައްސަލަތަކުން ދެހަފްތާގެ ތެރޭގައި ކުއްލިގޮތަކަށް މިނިވަންވެފައިވާ ކަމަށެވެ.
އަދި އަދީބާގުޅޭ 77 މިލިޔަން ރުފިޔާގެ މައްސަލައެއް ކުއްލި އަކަށް ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މާދަމާއަކީ، އަދީބު މިނިވަންވެ ފުރޭނެ ގޮތް ހަމަޖެހިފައިވާ ދުވަހަށްވާއިރު މިއަދު އޭނާ ފުރުމުގެ ހުއްދަ ކަރެކްޝަންސް އިިން ދިނުމާއި، އެ ހުއްދައިގެދަށުން އޭނާ ރާއްޖޭން ބޭރަށް ފުރުމަކީ ދައުލަތަށް އޮތް ނުރައްކަލެއް ކަމަށްވެސް މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވިއެވެ.
މި ކުއްލި މައްސަލައިގައި މެންބަރު ހުށަހަޅުއްވާފައިވަނީ، ކޮމިޝަނަރ އޮފް ޕްރިޒަންސް، މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ހާޒިރުކޮށް، އަދީބު ފިލިޔަ ނުދޭން ކޮމިޝަނަރ އޮފް ޕްރިޒެންސާއި ކަރެކްޝަނަލް ސާވިސް އިން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.