ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ދިިވެހި ތާރީހުގެ ތެރެއިން ތިމާވެށި" ފޮޓޯ މައުރަޒު ހުޅުވައިފިއެވެ.
މިރޭ ނޭޝަނަލް އާޓް ގެލަރީގައި މިފޮޓޯ މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. "ދިިވެހި ތާރީހުގެ ތެރެއިން ތިމާވެށި" މިފޮޓޯ މައުރަޒަކީ ތިމާވެއްޓަށް ލިބެމުން އައި ގެއްލުންތަކާއި ތިމާވެށި ރައްކާތެރިކުރަން އެކި ދައުރުތަކުގައި ކުރެވެމުން ދިޔަ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯ މައުރަޒެކެވެ.
މި މައުރަޒު ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ފޮޓޯތަކުން ލިބެނީ މެސެޖެއްކަން ނުވަތަ އިންޒާރެއްކަން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކޮށް ނިންމާފައި ގެއަށް ދާއިރު ދިވެހި ގައުމަށް ލިބިފައިވާ ރީތިކަމާއި ނަލަކަން ދެމެހެއްޓުމަށް އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ސަރުކާރުގައި ރައްޔިތުން ތިމާވެށީގެ ކަންތައްތަކަށް ހޭލުންތެރި ކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ކަމަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ވާހަކަދައްކަވައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންގޮސްދެއްވިކަން މިނިސްޓަރު ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރަކީ ތިމާވެށީގެ ކަންތައްތައް ހައްލު ކުރުމަށް ވަރަށް މުހިންމު އަހައްމިއްޔަތުކަމެއް ދެއްވާ ސަރުކާރެއް ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
މިރޭގެ ފޮޓޯ މައުރަޒަށްފަހު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި ވަނީ ދިވެހި ތާރީހުގެ ތެރެއިން ތިމާވެށި މި ނަމުގައި ޒުވާން ތާރީހު އިލްމުވެރިޔާ އަހްމަދު އަލާ ދީދީ ވާހަކަދައްކަވާފައެވެ. އަލާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ތާރީހުގައި ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.