އައްޑޫގައި ތަރައްގީކުރަމުން އަންނަ ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ތިން ނަމެއް ކަނޑައަޅައި، ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ޓުވިޓާ އެކައުންޓުގައި ޕޯލެއް ހުޅުވާލައިފައެވެ. އެ ޕޯލުގައި ހޮސްޕިޓަލަށް ކިޔަން ކަނޑައެޅި ތިން ނަން ވަނީ ހާމަކޮށްފައެވެ. އެ ތިން ނަމަކީ އީކުއެޓޯރިއަލް އައްޑޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް އަދި ސުވާދިވް ހޮސްޕިޓަލެވެ.
އެ ތިން ނަމުގެ ތެރެއިން ހޮސްޕިޓަލަށް ކިޔާނެ ނަމެއް ފާސްކުރުމަށް ހަމަޖެހިފައިވަނީ ޓުވިޓާ ޕޯލުން އެންމެ ތާއީދު ބޮޑު ނަމެކެވެ. އެ ނަންތަކުގެ އިތުރުން އެހެން ނަމެއް ކިޔުމުގެ ހިޔާލެއްވާނަމަ ޓުވީޓަށް ކޮމެންޓުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
އައްޑޫގައި ތަރައްގީކުރާ 100 އެނދުގެ ހޮސްޕިޓަލަކީ ހިތަދޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ހޮސްޕިޓަލް، އަންނަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ލަފާކުރެވެއެވެ.
އެތަނުގެ މަސައްކަތް ކުރަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުންޏަށް 161.8 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.