ޚަބަރު

ގަސްތައް ކެނޑުމަކީ އިތުރު ގޮތެއް ނެތިގެން ކުރާނެ ކަމަކަށް ހަދަން ޖެހޭ: ނައިބު ރައީސް

އަލީ އިހްސާން

ގަސްތައް ކެނޑުމަކީ އިތުރު ގޮތެއް ނެތިގެން ކުރާނެ ކަމަކަށް ހަދަން ޖެހޭ ކަމަށާއި ގަހެއް ކަނޑައިފިނަމަ އޭގެ ބަދަލުގައި ދެގަސް އިންދަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތިމާވެށީގެ ދުވަހެއް ފާހަގަކުރަން ޖެހެނީ ހަމައެކަނި ދުވަހެއް ފާހަގަކޮށްލުމުގެ ބޭނުމެއްގައެއް ނޫން ކަމަށާއި އެފަދަ ދުވަހެއް ފާހަގަކުރުމުގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"މުޅި ދުނިޔެއަށް އެކި ގޮތްގޮތުން އަންނަ ބަދަލުތައް ދިވެހިރާއްޖެއަށް ވެސް އަންނަމުން އެބަދޭ. އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެން އިންސާނުން ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ޖައްވު ތަޣައްޔަރު ވެގެންދާ ތަން. އިންޖީނުތަކުން ބޭރުކުރާ ދުމާއި ވެހިކަލުތަކުން ދޫކުރާ ވިހަ ގޭސްތަކާއި ރަށްތަކުގައި އުފެދޭ ކުނިތައް ނައްތާލުމަށް ބޭނުން ކުރެވޭ ގޮތްތަކުގެ ސަބަބުން ޖައްވަށް ދިމާވާ މައްސަލަތައް. މިފަދަ ދުވަހެއް ފާހަގަކުރަމުން ގެންދާއިރު އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭ މިކަންތައްތަކަށް ހައްލު ހޯދުމަށްޓަކާ. އަޅުގަނޑުމެން ދުވަހެއް މިފާހަގަ ކުރަނީ ހަގީގަތުގައިވެސް އަޅުގަނޑުމެންނަށް ހިތްހަމަޖެހިގެން ނޭވާލެވޭނެ ގޮތެއް ހޯދުމަށްޓަކައި." ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ތަރައްގީއަކީ ދިވެހި ގައުމަށް ލިބިފައިވާ ގުދުރަތީ ރީތިކަން ނަގާލައި ހަމައެކަނި ކޮންކުރީޓް ޖަންގައްޔެއްގެ ގޮތުގައި ރަށްތައް ޒީނަތްތެރި ކުރުމުއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމާއި ތަރިކައާއި ސަގާފަތް ދިރުވަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ދިވެހިރާއްޖެއަށް ލިބިފައިވާ ނަލަކަމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި ހުރިހާ އެންމެން މަސައްކަތް ކުރުމަށް ގޮވައިލައްވާފައެވެ.