ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމްޓީސީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ އެފަދަ މަޝްރޫއުތައް މީގެކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ. އެގޮތުން މިމަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރާއި މަޝްވަރާކުރެވިގެން މިހާރު ދަނީ ގެނެވެމުން ކަމުގައި އެކުންފުނިން މައުލޫމާތުދެއެވެ.
އެގޮތުން ޑިޒައިނަށް ބަދަލުގެނެސްގެން ކުރިއަށް ގެންދިއުމަށް ނިންމާފާއިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަކީ، ހދ. ހަނިމާދޫއާއި ރ. އުނގޫފާރާއި ބ. ދަރަވަންދޫއާއި ބ. އޭދަފުށީގެ މައި މަގުތައް ހެދުމުގެ މަޝްރޫއުތައް އަދި ސ. ހުޅުމީދޫގެ ބަހާހުއްދީން މަގު ހެދުމުގެ މަޝްރޫއުއާއި ލ. ފޮނަދޫގެ މައިމަގުތައް ހެދުމުގެ މަޝްރޫއުއާއި ޏ. ފުވައްމުލަކުގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއުއެވެ.
އެމްޓީސީސީއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ރަށްތަކުގެ ޑިޒައިނަށް އައި މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމަށެވެ.