ފާއިތުވި އަހަރުތަކުގައި ޕީއެސްއެމްއިން ގެނެސްދިން ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލްގެ ބަދަލުގައި މިފަހަރު މާސްޓަރ ޝެފް ޝޯ ގެނެސްދިނުމަށް ނިންމައިފިއެވެ.
ޕީއެސްއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ހޯދައިދީ، އެކި ދާއިރާތަކުން ޒުވާނުން ކުރިއެރުވުމަށް ޕަބްލިކް ސަރވިސް މީޑިއާއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް އެކި ޕްރޮގްރާމްގެ ޒަރިއްޔާއިންނާއި އެނޫންވެސް ގޮތްގޮތުން ގިނަ ޒުވާނުންތަކަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީފައިވާ ކަމަށެވެ.
ޕީއެސްއެމްއިން ބުނީ، އަނެއްކާވެސް އެފަދަ ފްރެންޗައިޒް ޝޯއެއް ގެންނަން މަސައްކަތްކުރަމުން ގެންދާކަމަށާއި، މިފަހަރު ޕީއެސްއެމްއިން ގެންނަން މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ މަގްބޫލު އެއް ފްރެންޗައިޒް ޓީވީ ޝޯ މާސްޓަރ ޝެފް ކަމަށެވެ.
ކެއްކުމުގެ މިފަދަ ޕްރެންޗައިޒް ޝޯއެއް ރާއްޖެ ގެނައުމުގެ ބޭނުމަކީ މޯލްޑިވިއަން އައިޑަލްގެ ކާމިޔާބީއަށް ބެލުމަށްފަހުގައި އިތުރު ދާއިރާއަކުން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ.
ޕީއެސްއެމްއިން ބުނީ ހޮޓެލް އިންޑަސްޓްރީއަކީ މިއަދު ރާއްޖޭގައި ފުޅާވަމުން އަންނަ ދާއިރާއަަކަށްވެފައި އެދާއިރާއަށް ދިވެހިން ޝައުގުވެރި ކުރުވުމަކީ މިފަދަ މުބާރާތެއް ގެނައުމުގެ އެއްބޭނުން ކަމަށެވެ. އަދި އެއީ މުސްތަގްބަލް އޮތް ރަނގަޅު އާމްދަނީއެއް ލިބޭނެ އަދި ކެރިއަރެއް ބިނާކުރެވޭނެ ސިނާއަތެއްކަން ދިވެހި ޒުވާނުންނަށް ބުނެދިނުން ކަމަށެވެ. މީގެ އިތުރުން މި ދާއިރާއަކީ ވަކި ޖިންސަކަށް ހާއްސަ ދާއިރާއެއް ނޫންކަން އާންމުންނަށް އަންގައިދިނުމަކީވެސް މުބާރާތުގެ އެއް ބޭނުން ކަމަށް ޕީއެސްއެމްއިން މައުލޫމާތު ދެއެވެ.