މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

''އެނެކްސް އެކެއްގައި މީހުން ބައިތިއްބަނީ މާފުއްޓަށް ފުރުވާލުމުގެ ކުރިން ކާންދެން''

ޝަހީދާ އަބްދުﷲ ސައީދު

މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ހަމައެކަނި މީހުން ބައިތިއްބަނީ ޝަރީއަތަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ފުރުވާލުމުގެ ކުރިން މެންދުރުގެ ކެއުމުގެ ކަންތައް ހަމަޖައްސައި ދިނުމަށްފަހު ފުރުވާލުމަށް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.

މުނާޒު މިފަދައިން ވިދާޅުވީ މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި މީހުން ބަންދުގައި ބައި ނުތިއްބުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އެންގި ފަހުންވެސް އެއިމާރާތުގައި މީހުން ބަންދުގައި ބައިތިއްބާކަމަށް އެޗްއާރުސީއެމުން ބުނުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މުނާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި މީހުން ބަންދުކޮށްގެން ގެންގުޅުން ހުއްޓައިލާފައިވާކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުކުރެވޭ މީހުން މާފުށީ ޖަލަށް ފުރުވާލުމާއި ދެމެދު ހޭދަވާ ގަޑިއެއް ނުވަތަ ދޮޅު ގަޑިއެއްހާ އިރުގެ ވަގުތުކޮޅެއް އެނެކްސް އިމާރާތުގައި ބައިތިއްބަނީ މެންދުރުގެ ކެއުން ދީފައި މާފުއްޓަށް ފުރުވާލުމަށް ކަމަށް މުނާޒު ވިދާޅުވިއެވެ.

އަދި ޖަލުތަކާއި ބެހޭ ގޮތުން އެޗްއާރުސީއެމާއި ހިއްސާކުރެވޭ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ޝާއިއު ކުރާކަމީ ކަންބޮޑުވާކަމަށް ވެސް ޓުވީޓުގައި ވެއެވެ.

އެޗްއާރުސީއެމުން މާލޭ ޖަލަށް ޒިޔާރަތްކޮށް އެކުލަވާލި ރިޕޯޓްގައި ބުނީ ރިމާންޑް ޖަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މާލޭ ޖަލު އެނެކްސް 1 ގައި އެއްވެސް ގައިދީއަކު ބަންދުކުރުން ހުއްޓާލައި އެތަނުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުން އެހެންތަނަކަށް ބަންދުކުުރުމަށް އެންގި ކަމަށެވެ.

އަދި އެނެކްސް 1 ބަންދުކުރި ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނި ނަމަވެސް އެޗްއާރުސީއެމްއިން ބުނީ އެނެކްސްގަައި ހުރި ގޮޅިތައް އެހެނިހެން ކަންކަމުގައި މީހުން ބަންދުކުރުމަށް މިހާރުވެސް ބޭނުންކުރާކަަމަށެވެ.

އަދި އެނެކްސްގައި ބަންދުުކުރުމަށް ފަހު އެތަނުގައިތިބި އުމުރުން ދުވަސްވީ މީހުން މެޑިކަލް ވޯޑަށް ބަދަލުކޮށްފައިވާ ކަަމަށް އެޗްއާރުސީއެމްއިން ބުނެފައި ވެއެވެ.

އިންސާނީ ކަރާމާތަށް އަރައިގަންނަ އަދި ބަންދުގައި މީހުން ބެހެއްޓުމަށް އެކަށީގެންނުވާ ކަމަށް ބުނެ އެޗްއާރުސީއެމާއި އަދި ޖަލުތައް އޮޑިޓްކުރާ ކޮމިޝަނުން ބަންދުކުރުމަށް ހޯމް މިނިސްޓްރީއަށް އެންގި މާލޭ ޖަލު އެނެކްސް 1 ގައި އަދިވެސް މީހުން ބަންދުކުރާ ކަމަށް އެޗްއާރުސީއެމުން ބުނި އިރު، އެނެކްސް 1 ބަންދުކުރިކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވަނީ އޭރު އިއުލާންކުރައްވާފައެވެ.