މާލޭގެ ކަރަންޓު ޓެރިފް ރޭޓަކަށް ބަދަލެއް ނާންނަ ކަމަށާއި މާލޭގެ ކަރަންޓުން ލިބޭނީ ފިއުލް ޑިސްކައުންޓެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެގޮތުން ކޮންމެ ޔުނިޓަކުން 12 ލާރީގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ.
ކަރަންޓުގެ ހިދުމަތުގެ އަގާއި މެދު އާންމުން ޝަކުވާ ކުރަމުން ދިއުމާއި ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯއިން ބުނީ އެ ކުންފުނިން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރީ މާލޭގެ ކަރަންޓުގެ އަގުތަކާއި އެހެން ރަށްރަށުގެ ކަރަންޓުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މާޗްމަހު ރަށްތަކުގެ ޑޮމެސްޓިކްގެ އަގު މާލެއާއި އެއް ހަމައަކަށް 400 ޔުނިޓާސް ގެނެސްފައިވާކަމަށާއި ސްޓޭންޑަޑް އޮފް ލިވިންގް މަތި ވަމުން އަންނަ ވަރަކަށް ގިނަ ބަޔަކު 400 ޔުނިޓަށް ވުރެ މަތީގެ ކެޓަގަރީއަށް ފެތުމުމުގެ ސަބަބުން ކަރަންޓުގެ އަގަށް ބަދަލު ނާންނަ މައްސަލަ މި އަހަރު މާޗް މަހު ހައްލުކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ހުރިހާ ރަށެއްގައިވެސް މާލެއެކޭ އެއް އަގެއްގައި ކަރަންޓުގެ ހިދުމަތް ލިބޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓުގެ އަގަށް އައި ބަދަލާއެކު ރަށްރަށުގައި ޑޮމެސްޓިކަށް %19ގެ ހެޔޮ ބަދަލެއް އަގަށް އަންނާނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ. އަދި ވިޔަފާރިތަކަށް ކަރަންޓު ދޫކުރާ އަދަދު އައްޑޫ ފުވައްމުލަކަށް ވަނީ ތިރިކުރެވިފައިކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ އިތުރުން ކޮންމެ މަހަކު ފަހަކާއި 16 އާއި ދެމެދު ރީޑިންގް ނަގާކަމަށާއި ކޮންމެ މަހަކު 23 އާއި އަނެއް މަހުގެ ހަތަރަކާއި ދެމެދު ބިލް ހަވާލު ކުރުމަށް މަސައްކަތް ކުރާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި ކަސްޓަމަރަށް ހަވާލު ކުރެވޭ ބިލަކީ އެންމެ އެކިއުރޭޓް ބިލް ކަން ކަށަވަރު ކުރުމަށް އަބަދުވެސް ސްޓެލްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ކޮންމެ އަހަރަކު ހޫނު މޫސުން މާޗް، އޭޕްރީލް އަދި މެއި މަހަށް ދެމިދާއިރު، މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަމަށައި، އޭގެ ސަބަބުންކޮންމެ އަހަރަކުވެސް މިދުވަސްވަރު ކަރަންޓު ބިލް ބޮޑުވާކަމަށް ސްޓެލްކޯއިން ބުންޏެވެ. އަދި މިއަހަރުވެސް މިގޮތަށް ކަންހިނގާފައިވާކަމަށާއި އެ މަސްތަކުގައި ބިލް ބޮޑުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި އެކި ސަބަބުތަކާހުރެ ކަރަންޓު ރީޑިންގް ނުނެގި ލަސްވެ، ބިލް ކުރެވޭ ދުވަސް ބައެއް މަސްތަކުގައި އިތުރުވެ އަނެއް މަސްތަކުގައި މަދުވި ނަމަވެސް އަހަރު ނިމޭއިރު ބިލް ކުރެވޭނީ ޖުމްލަ 365 ދުވަހައްކަމަށް ސްޓެލްކޯއިން މައުލޫމާތު ދިނެވެ.