ޚަބަރު

އީވާ، މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން ތާރީހުގެ ތެރެއަށް!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންނެވިފަހުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފުރަތަ ފަހަރަށް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން ތާރީހުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖްލިސް ގޮނޑި، ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް މިފަހަރުގެ އިންތިހާބުގައި ކާމިޔާބު ކުރެއްވި، އީވާ އަބުދުﷲ އަކީ، ދެވަނަ އަންހެން ނާއިބު ރައީސެވެ.

އީވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅިން ބައެއްގައި ވަނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފައެވެ.

އީވާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިގެން ތާރީހުގެ ތެރެއަށް ވެދެވަޑައިގެންފައިވަނީ، މަޖިލީހުގެ ނާއިބު ރައީސްގެ ގޮތުގައި އަންހެންބޭފުޅަކު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ދެވަނަ ބޭފުޅެއްގެ ގޮތުގައެވެ.

އަންހެން ނާއިބު ރައީސެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ، މިހާރު އަމަލު ކުރަމުންމިދާ ފެހި ގާނޫނުއަސާސީ، 2008 ވަނަ އަހަރުންފެށިގެން ތަސްތީގު ކުރަން ފެށުމާއެކު އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަނީސާ އަހުމަދެވެ.

އަނީސާ މަޖިލީހުގެ ނާއިބު ރައީސްކަމުގައި ހުންނެވީ، 2008 އަހަރުގެ އޯގަސްޓްމަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

ފަހުގެ ތާރީހުގައި އަނީސާ އާއި އީވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ކުރެއްވި ނަމަވެސް، ރާއްޖޭގެ ތާރީހަށް ބަލާއިރު މަޖިލީހުގެ ރައީސްކަމުގެ މަގާމު ރާއްޖޭގެ އަންހެން ބޭފުޅަކުވަނީ އަދާ ކުރައްވައިފައެވެ.

އެއީ ރާއްޖޭގައި މަތިގެ އާއި ތިރިގޭގެ އުސޫލުން، 1952 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 1953 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމަޔަށް މަޖިލިސް އޮތްއިރު ސެނެޓުގެ (މަތިގެ) ރައީސްކަން ފާތިމަތު އިބްރާހިމް ދީދީ (ތުއްތު ގޮމާ) ކުރައްވާފައިވާތީއެވެ.