ޚަބަރު

ދިހަ ބިލިއަން ޑޮލަރުގެ ބަޖެޓަކުން ރާއްޖެ އޮޕަރޭޓް ކުރެވޭނެ: ޖާބިރު

ދިހަ ބިލިޔަން ޑޮލަރުގެ ބަޖެޓަރުން ރާއްޖޭގެ ކަންކަން ހަމަޖައްސައި ރާއްޖެ އޮޕަރޭޓް ކުރެވޭނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނާއިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް، ހިމާޔަތާއި އިނާޔަތްދޭ ބިލްގެ ބަހުސްގައި ވާހަކަ ދައްވަމުންނެވެ.

މި ބިލަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުއްވެވުމުން، ތަސްދީގު ނުކުރައްވައި އަލުން ވިސްނުމަށް މަޖިލީހަށް ފޮނުއްވި ބިލެކެވެ.

ޖާބިރު ވިދާޅުވީ، އިނާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކަށް އެކަންކަން ހަމަނުޖައްސައި ތިއްބެވުމުގެ ބަދަލުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތްޕުޅު ކުރައްވަންވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރެއްވުމަށް ތަކަށެވެ. އަދި ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ފައިސާ ހޯއްދެވުމުގެ ތަޖުރިބާ ނެތި ވަޒީރުންނަކީ ގައުމުތަކަށް ވަޑައިގެން ބޮޑެތި މަޝްރޫއުތަކަށް ފައިސާ ނުހޯއްދެވޭ ވަރުގެގާބިލް ބަޔަކަށް ނުވާނަމަ، ދައުލަތް ދެކޮޅެއްނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އިނާއަތް ހަމަ ޖައްސައި ނުނިދުމުގެ ބަދަލުގައި، އެކި ފަރާތްތަކުން ސަރުކާރަށް ހޯދަންހުރި ފައިސާ ހޯދުމާއި، ސަރުކާރުން ބޭކާރު ގޮތުގައި ހަރަދުކުރާ ފައިސާ ސަލާމަތް ކުރެވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވައްކަން ކޮށްފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުންދާއިރުވެސް އެ ވައްކަމުގެ ތެރެއިން ދޫކޮށްފައިވާ ރަށްތައް އަދިވެސް އަތުނުލެވޭ ކަމަށާއި އެތަންތަން އަދިވެސް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.